މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންތަކުގައި, މެންދުރުފަހު 01:00 ޖެހުމާ ހަމަޔަށް ވޯޓު ދީފައިވަނީ 1894 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފި އެވެ.
މިއަދު ބައި-އިލެކްޝަންތައް ކުރިޔަށްދަނީ، މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
ވޯޓުލުން ކުރިއަށްދާ ދާއިރާތައް:
• ހެންވޭރު ހުޅަނދު ދާއިރާ
• މައްޗަންގޮޅި މެދު ދާއިރާ
• ހުޅުމާލެ ދާއިރާ
• ކުޅުދުއްފުށި އުތުރު ދާއިރާ
• ބިލެތްދޫ ކައުންސިލްގެ ރައީސް
• ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި
އިންތިޚާބުގެ ވޯޓްލުން ހެނދުނު 08:00 އިން ފެށިގެން ކުރިޔަށްދާއިރު، ވޯޓުލުމަށްޓަކައި ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫގެ އިތުރުން މާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 25 ވޯޓުފޮށްޓެއް ވަނީ ބަހައްޓާފަ އެވެ. ހަވީރު 04:00 ޖެހުމާހަމަޔަށް ވޯޓުލުން ކުރިޔަށްދާއިރު، މެންދުރު ފަހު 01:00 ޖެހުމާ ހަމަޔަށް ވޯޓު ދީފައިވަނީ 1894 މީހުން ކަމަށާއި، އެއީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ %14.44 ކަމަށް އީސީން ބުނެފައި ވެއެވެ. ވޯޓު ދީފައިވަނީ 810 އަންހެނުންނާއި، 1084 ފިރިހެނުންނެވެ.
މި އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވަނީ 13،112 މީހުންނަށެވެ. މިހާ ހިސާބަށް އާއިރު އަދި 11،218 މީހުން ވޯޓް ދީފައެއް ނުވެއެވެ.



