ހުޅުލެ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، އަލިފާން ރޯވީ ހުޅުލެ ފަޅުގައި އޮތް އޮޒެން ރިޒަރވް ބޮލިފުށި ރިސޯޓުގެ ”އަލްދޫރަ“ ނަމަކަށް ކިޔާ ލޯންޗުގައި ކަމަށެވެ. އަދި އަލިފާން ރޯވީ އެލޯންޗުގެ އިންޖީން ރޫމްގައި ކަމަށާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން އެ ނިއްވާލާފައިވާކަމަށެވެ.
”މި ހާދިސާގެ ރިޕޯޓް 14:58 ހާއިރު މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ. މިގޮތުން، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ލޯންޗުގެ އިންޖީން ރޫމްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 15:46 ހާއިރު.“ އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި އެ ލޯންޗުގެ އިންޖީނާއި އިންޖީން ރޫމަށް ގެއްލުންވިނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.



