ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް ޗައިނާއަށް ފުރާ ވަޑައިގެންފި އެވެ.
ޗައިނާއަށް ވަޑައިގެންނެވި މި ވަފްދުގައި ހިމެނި ވަޑައިގަންނަވަނީ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އބްރާހީމްދީދީ (އައިބީ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.
މަޖިލީހުގެ ވަފްދު ޗައިނާއަށް ވަޑައިގެންނެވީ 8 ވަނަ ޗައިނާ- ސައުތު އޭސިޔާ އެކްސްޕޯގައި ބައިވެރިވަޑައިގެންނެވުމަށެވެ. މި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަގުރީރުކުރައްވާނެއެވެ. މި އެކްސްޕޯ ކުރިޔަށްދާނީ މިމަހުގެ 23 އިން 28 އަށް ޗައިނާގެ ކުންމިން ސިޓީގަ އެވެ.
މަޖިލީހުގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ވަޑައިގަތްއިރު، ދައުލަތުގެ ތިން ވަޒީރަކު ހިމެނޭހެން ސަރުކާރުގެ އިސް ވަފްދެއްވެސް މިހާރު ތިއްބެވީ ޗައިނާގައެވެ. އެއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގްގެ އިތުރުން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްމުއްތަލިބެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީ ގެ ދައުވަތަކަށް، މި ވަފްދުން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި، މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ނަތީޖާގެ ކުރިއެރުންތައް މުރާޖައާކޮށް، ދެގައުއުމުގެ ޝައުގުވެރިކަން ހުރި މުހިންމު ބައެއް ދާއިރާތަކާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.




