ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝަގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، ޢާއިލާތަކާއި، އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ހައިކޮމިޝަންގެ ފަރާތުން ގުޅައި، ހާލު ބަލައި، އެހީތެރިކަންވެސް ފޯރުކޮށްދެމުންނެ އަންނަކަމަށެވެ. އަދި، މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަގޮތައްގައި ރަނގަޅުކަމަށް ހައިކޮމިޝަނާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު އެމީހުންގެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަމަށް މިނިސްޓްރީއަށް އެންގުމާއި ގުޅިގެން، އެ ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރ ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރޮކޮށްދީފައިވާކަމަށެވެ.
މިވަގުތު ބަންގްލަދޭޝްގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ.
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:
ގުޅޭނެ ނަންބަރު: +880 1329 748 885 / +880 1708 120 318
އީމެއިލް އެޑްރެސް: admin@maldivesbd.org
އަދި މީގެއިތުރުން، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅައިގެންވެސް އެހީތެރިކަމަށް އެދެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



