ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ފަހު، އެމީހުންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވިވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން އެކަން އެގޮތަށް ކުރިޔަށްގެންދިއުމަށް ލަފާ އެރުވުމާއި ގުޅިގެންނެވެ.
އެގޮތުން އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއް ނިންމަވާފަ އެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވާލާ އާންމުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ބިދޭސީންނަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ނިންމަވާފަ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ އަދި އެފަދަ ވިޔަފާރިތަކުގައި ޝާމިލު ވަމުން އަންނަ ގިނަ ބިދޭސީންނަކީ، އެމީހުން ރާއްޖެއަށް ވަޒީފާއަށް ގެންނަ ފަރާތުން އެމީހުންނަށް އިހުމާލުވެފައިވާ ބިދޭސީންނެވެ. އޭގެތެރޭގައި އެމީހުން ގެނެސް ޕާސްޕޯޓް ހިފަހައްޓާފައި ދޫކޮށްލުމާއި، އަދި ކެއުންބުއިމާއި އުޅޭތަން ނުދައްކައިގެން މަގުމަތިވާ މީހުން ހިމެނެއެވެ. ބައެއް ބިދޭސީން ބުނަމުން ދަނީ އެމީހުން ގިނަ ފަހަރު އެހެން މީހުންގެ ވަޒީފާއަށް ދާން މަޖްބޫރިވާ ކަމަށާއި، އަދި ވިޔަފާރި ފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވަނީ އެންބުރި ގައުމަށް ދާނެ ގޮތެއް ނެތިގެން، ގޮތް ހުސްވެގެން ކަަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް، ވަކިން ޚާއްސަކޮށް ރީޓެއިލް ވިޔަފާރި ނެޓްވޯކްތައް ހިންގަމުން އަންނަ މީހުންނަށް އަމާޒުކޮށް މިފަހުން އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މި އޮޕަރޭޝަނުގައި 50 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށް 100އަށް ވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ. މިއޮަޕަރޭޝަނުގައި ބަލާ ފާސްކުރަމުންދަނީ، މާލެ ސަރަަހައްދުގައި ހިންގާ މާރުކޭޓާއި، ރީޓެއިލް ފިހާރަތަކާއި، ޓޭކް އަވޭއާއި، ސްޕާއާއި، ކެފޭއާއި، ފަހާތަންތަނުގެ އިތުރުން މޯބައިލް ވިއްކާ ފިހާރަތަކެވެ. މިއީ، އާންމުކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޝާމިލުވަމުން އަންނަ ވިޔަފާރިތަކެވެ. މި އޮޕަރޭޝަނުގައި ރީޓެއިލް ފިހާރަ ހިންގާ ނެޓްވޯކެއްގެ ބޮޑަކުވެސް އިމިގްރޭޝަނުން ހައްޔަރުކޮށްފައި ވެއެވެ.



