ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު ނިއުރޯ ސަރަޖަން ޑރ. އަލީ ނިޔާފް އޭޑީކޭ ހޮސްޕިޓަލް ދޫކުރައްވައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އާއި ގުޅިވަޑައިގެންފި އެވެ.
ދިވެހި ފުރަތަމަ ނިއުރޯ ސަރޖަން ޑރ. ނިޔާފް އޭޑީކޭއިން ވަކިވެ ވަޑައިގެންފައިވަނީ 9 އަހަރާ 10 މަސް ދުވަހު އެ ހޮސްޕިޓަލަށް ޚިދުމަތް ކުރައްވާފައެވެ. ދިވެހީންގެ އިތުބާރު ހޯއްދަވާފައިވާ، ޑރ. ނިޔާފް އޭޑީކޭއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު، ވަކިވެވަޑައިގަތުމާއި، ގުޅިގެން އޭޑީކޭއިން ވަނީ، ޑރ. ނިޔާފް އެ ހޮސްޕިޓަލަށް ކުރެއްވި އަގުހުރި ޚިދުމަތް ފާހަނގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ޑރ. ނިޔާފުގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަކުގެ ނިއުރޯ ސަރޖަރީ ޑިޕާޓްމެންޓަށް ހޯއްދަވައިދެއްވި ކުރިއެރުން ޚާއްސަގޮތެއްގައި ފާހަނގަކޮށްފައި ވެއެވެ.
ޑރ. ނިޔާފް އައިޖީއެމްއެޗާއި ގުޅިވަޑައިގެންނެވި ނަމަވެސް ބަލި މީހުން ބައްލަވަން ފަށްޓަވާ ދުވަހެއް އަދި އެ ހޮސްޕިޓަލުން އިއުލާނުކޮށްފައެއް ނުވެއެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ، ޑރ. ނިޔާފް އެ ހޮސްޕިޓަލުގެ ޓީމާއި ގުޅިވަޑައިގެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، މިއާއެކު ބަލި މީހުންނަށް ޚާއްސަފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތުގައި ގާބިިލިއްޔަތުކަން އިތުރުވެ، ކުރިއެރުންތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ނިޔާފް ވަނީ މިއަދު މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގައި ބަލި މީހުން ބައްލަވަން ފައްޓަވާފަ އެވެ.
ޑރ.އަލީ ނިޔާފް ވަނީ އެމެރިކާ، ރަޝިޔާ، އިންޑިއާ، ބްރެޒިލް، ނޭޕާލް އަދި ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ތަމްރީނު ހޯއްދަވައި، 2000 އަށް ވުރެ ގިނަ ކާމިޔާބު ނިއުރޯސާޖަރީއާއި ޕްރޮސީޖަރ ފުރިހަމަ ކުރައްވާފަ އެވެ. އަދި ނާރުގެ ބަލިތަކާއި ގުޅުންހުރި އިލްމީ އެކި ލިޔުންތައް ޝާއިއުކުރައްވައި، އޭޑީކޭއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ”ދަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް“ ސީރީޒް މެދުވެރިކޮށް މިދާއިރާގެ ދިރާސާތައް ރާއްޖެއަށް ދިރުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުަރައްވަމުން އަންނަ ބޭފުޅެކެވެ.


