މާލެ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ، މިހާދިސާ ހިނގާފައިވަނީ ސޯސަންމަގުގައި ހުންނަ ހ. ސޯސަން ފްލާވަރ ގޭގައި ކަމަށެވެ. އަލިފާން ރޯވީ، އެ ގޭގައި ހަދަމުންދާ އިމާރާތެއްގައި ޖަހާފައި ހުރި ކަޅު ދާތަކެއްގައި ރޯވެގެންކަމަށް އެމްއެންޑިއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 12:45 ހައި ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި ކަމަށެވެ.
އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.



