އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މަގާމުން މިއަދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އަބްދުއްސަލާމް އާއި ތޯހާ އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިމިވަނީ އެ ދެބޭފުޅުންގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއް ފެންމަތިވެ، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ނިންމާފައި ވަނިކޮށެވެ.
އެގޮތުން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމެއްގައި އެ ކޮމިޓީން ވަނީ ނުފޫޒަށް ލެނބުމާއި ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބުނެ އަބްދުއްސަލާމާއި ތޯހާގެ އިތުރުން އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސްއާއި އިތުރު ދެ މެންބަރަކު ވެސް މަގާމުން ވަކިކުރަން ނިންމާފައެވެ. އެހެންކަމުން މިބޭފުޅުން ވަކި ކުރަން ވޯޓު ނެގުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ތާވަލުވެސް ކޮށްފައެވެ.
އަބްދުއްސަލާމާއި ތޯހާ އިސްތިއުފާ ދެއްވައި ރައީސް އޮފީހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ގާނޫނުއަސާސީ އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަކީ ގާނޫނުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.



