އިލެކްޝަންސް ކޮމިޝަން (އީސީގެ) ނައިބު ރައީސް އަލީ ނަޝާތު އަދި އެ ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް އީސީގެ މެންބަރުކަމުގެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އީސީގެ މެންބަރުކަމުން ނަޝާތު އާއި އާސިފް މަގާމުން ވަކިކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މި ދެ މެންބަރުންނާއެކު އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ވެސް މަގާމުން ވަކިކުރަން އެ ކޮމިޓީން ވަނީ ނިންމަވާފައެވެ. ނަމަވެސް މެންބަރުން ވަކިކުރުމަށް ވަކިގޮތެއް ނިންމެވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ފާސްވީ ޑރ. ޒާހިރު އެ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ.
އެގޮތުން އީސީގެ ނައިބު ރައީސް އަލީ ނަޝާތު މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 69 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 10 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާކަމަށް ވޯޓުދޭ މެންބަރަކު ނެތެވެ. މިވޯޓަށް ހާޒިރުވެތިބީ 79 މެންބަރުންނެވެ. އަދި މި ވޯޓު ފާސްވާން ބޭނުންވަނީ 40 މެންބަރުންގެ ވޯޓެވެ.
މެންބަރު އާސިފް އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 68 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 10 މެންބަރުންނެވެ. އަދި އަދި ވަކިގޮތަކަށް ވޯޓު ދޭން ބޭނުން ނުވާކަމަށް ވޯޓުދޭ މެންބަރަކު ނެތެވެ. މި ވޯޓުގައި ބައިވެރިވީ 78 މެންބަރުންނެވެ. އަދި ފާސްވުމަށް ބޭނުންވަނީ 40 މެންބަރުންގެ ވޯޓެވެ.
އީސީގެ ތިން މެންބަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް:
- އީސީއަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ހޯއްދެވުން
- ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން އެ މެންބަރުންނާ ގުޅުން އޮންނަ ވިޔަފާރިކުރާ ފަރާތެއްގެ ކުންފުނިން އީސީއަށް ބައެއް އެއްޗެހި ހޯއްދަވާފައިވޭ
- އީސީގެ މުވައްޒަފުންނާ މުއާމަލާތްކުރުމުގައި އިހްތިރާމް ކުޑަކޮށް އަދި ބޭއަދަބީ ބަހުން ނައިބު ރައީސް ނަޝާތު މުއާމަލާތް ކުރައްވާ
- ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަަށް ބުނާ ކަމަށާއި ފައިސާއަށްޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަ ދައްކަވައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވޭ
- އީސީގެ އިސް ބައެއް މުވައްޒަފުން ނައިބު ރައީސް ނަޝާތު ކޮންޓްރޯލްކޮށްގެން ގެންގުޅުއްވާ ކަމަށާއި އެގޮތުން އެ މުވައްޒަފުންގެ ކެއުމާއި ސައިދިނުމުގެ އިތުރުން އެކި ގޮތްގޮތުން އެ މުވައްޒަފުންނަށް މަންފާ ހޯއްދަވައިދެއްވާ
- ވަކި ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރި މެންބަރުންގެ ލިސްޓެއް ރައީސް އޮފީހުގެ އިސްވެރިންނަށް ފޮނުއްވައި އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި
- ވަކި ވިޔަފާރި ކުންފުންޏަކާ އެކު ސިއްރު މުއާމަލާތްކުރައްވައި އީސީއަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ސާމާނު އެ ފަރާތް މެދުވެރިކޮށް ހޯއްދަވައި އެއިން ކޮންމެ މުއާމަލާތަކުން ބޮޑު އަދަދަކުން މި ތިން މެންބަރުން ހޯއްދަވާފައިވޭ
- ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި ނަޝާތު ލޯބީގެ ގޮތުން ގުޅުން ބޭއްވެވި
- ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ނަޝާތު ބިރުދައްކާ ކަމަށާއި ބައެއް މުވައްޒަފުންނާ ޒާތީ ގޮތް ބަހައްޓަވާ
- އީސީގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް ހަދައި އެ އެޕްލިކޭޝަންތައް ނަޝާތު ވިއްކައި އޭގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށްދީ، މިދިޔަ ރިޔާސީ އިންތިހާބު ވަކި ޕާޓީއަކަށް ކާމިޔާބުކޮށްދެން އެ ތިން މެންބަރުން މަސައްކަތް ކުރައްވާފައިވޭ
- މީގެ ކުރިން ވެސް ރިޔާސީ އިންތިހާބެއްގެ ރީ-ރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވާލުމުގެ އަމަލުތަކެއް މި ތިން މެންބަރުން ކުރައްވާފައިވޭ
- ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވައި އެ ޕާޓީއަށް 3،000 މެންބަރުން ހަމަވިޔަ ނުދޭން މަސައްކަތް ކުރައްވާފައިވޭ
- އެ މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް އަމަލުނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ވިދާޅުވެ، ބިޑް ކޮމެޓީ މުވައްޒަފުންނަށް ބިރުދައްކާފައިވޭ
- އެޗުއާރު ސިސްޓަމުން ބޭރުން ވަކި ފޮތެއް ހަދައިގެން ހާޒިރުނުވާ ދުވަސްތަކުގައި ވެސް ހާޒިރުވި ކަމަށް ނޯޓުކޮށް، ހާޒިރުވާ ދުވަސްތަކުގައި ވެސް ގަސްތުގައި ނުބައިކޮށް ގަޑި ޖައްސާފައިވޭ
- އީސީގެ ބައެއް މެންބަރުންނާ ގުޅިގެން އެ ކޮމިޝަންގެ ރައީސްއާ ދެކޮޅަށް ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެކަށީގެންނުވާ ފަރާތެއް އައްޔަންކުރުމަށް ނުފޫޒު ފޯރުވާފައިވޭ
- އީސީގައި ހުރި އާންމުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން މަންފާ ހޯއްދަވާފައިވޭ
- އީސީގެ މުވައްޒަފުންގެ މެދުގައި އީސީގެ ރައީސްގެ އަގުވައްޓާލުމަށް ފާޅުގައި މަސައްކަތް ކުރައްވާފައިވޭ
- ނަޝާތު ސިޔާސީ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވައި އެ ފަރާތްތަކާ ބައްދަލުކުރައްވާ
- އީސީގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކާ އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުން




