އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެރިން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އޭސީސީއާއި އީސީގެ ރައީސްއާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސަށް ލިބިދިނުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. އަދި މި ދެ ބިލު ބަލައިގަނެ ދިރާސާ ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ.
މމިއަދުގެ މަޖިލިސް ޖަލްސާގައި މި ދެ ބިލު ފާސްކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި މި ދެ ބިލު ފާސްވެފައިވަނީ 69 މެންބަރުންގެ ވޯޓާއެކުގައެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 10 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ދެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނަކަށް ރައީސް އާއި ނައިބު ރައީސަކު ރައީސް އައްޔަން ކުރަންވާނެ އެވެ. މީގެއިތުރުން އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަންގައި ތިބި މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން އެ މަގާމަކަށް މީހަކު އައްޔަނު ކުރެވޭނީ، މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.
މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނުގައި ވެސް ރައީސް އަދި ނައިބު ރައީސަކަށް މީހަކު ހަމަޖައްސަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.



