ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަންނަ އަހަރުގެ މެދުތެރޭގައި ނިމި، އެއަރޕޯޓް ހުޅުވޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއާރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވި މިހާތަނަށް މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ގޮތަށާއި މިވަގުތު ކުރިއަށްދަނީ ފަސިންޖަރުންގެ ޓާމިނަލްގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން، ކާގޯ ޓާމިނަލްގެ 90 އިންސައްތަ އާއި އެއަރޕޯޓް ޓަވަރުގެ 88 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
މުބީން އިތުރަށް ވިދާޅުވި ގޮތުގައި، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ވަނީ ގެނެވިފައެވެ. އަދި އެއަރޕޯޓުގައި އައު ވެހިކަލްތައް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ތެޔޮ އެޅުމަށް ފިއުލް ޖެޓީއަކާއި ސްޓޯރޭޖެއް ޤާއިމްކުރެވޭނެއެވެ.
އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެއާރޕޯޓު ތަރައްގީކުރާ މި މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ދިގު ރަންވޭއެއްގެ މަސައްކަތް ވަނީ ނިމިފައެވެ.




