ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް، އޮޅުވާލައިގެން އަދާލަތު ޕާޓީއަށް ވެއްދި މައްސަލަ ބަލަން ފަށައިފިއެވެ.
ފިރާގަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލު މެންބަރެއްވެސް މެއެވެ. ނަމަވެސް އޭނާ މިހާރު ވަނީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ރެޖިސްޓްރީވެފައި ކަމަށާއި މިކަމަކީ އޭނާގެ އިޚްތިޔާރަކާ ނުލައި، އޭނާއަށް ނޭނގި އޮޅުވާލައިގެން ބަޔަކު ކޮށްފައިވާ ކަމެއް ކަމުގައި ފިރާގު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފިރާގު ވިދާޅުވީ އޭނާ އަދާލަތު ޕާޓީއަށް ވައްދާފައިވާކަން އެނގިފައިވަނީ މީގެ ހަފްތާއެއް ކުރިން ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތަކުން ދައްކައި ގޮތުގައި އޭނާ އެ ޕާޓީއަށް ވައްދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ގައި ކަމަށެވެ.
”އަޅުގަނޑުގެ އުމުރުވެސް 20 އަހަރު ހަގު ކޮށްލާފަ ހުރީ. އޭގެން ދައްކާ ގޮތުގައި އަޅުގަނޑަށް މިވަނީ ބާލިގު ނުވަނީސް ދަރިންވެސް ލިބިފަ. އަޅުގަނޑުގެ ދޮށީ ދަރިފުޅަށްވުރެ ހަތަރު އަހަރު އަޅުގަނޑު ބޮޑުކަމަށް ދައްކަނީ އޭގެން“ ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ މިކަމުގެ ސަބަބުން އޭނާ މިވަގުތު މިވަނީ ޖޭޕީގެ ކައުންސިލު މެންބަރެއްގެ ގޮތުން ވެސް ވަކިވެފައި ކަމަށާއި ”ސިޔާސީ ގޮތުން ހުވަފަތް ވެފައި“ ކަމަށެވެ. އެހެންކަމުން މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ހެކިވެރިއެއްގެ ގޮތުގައި ދެ މީހަކު ސޮއި ވެސް ކޮށްފަ ދެއްތޯ ވާނީ. އެހެންވީމަ މި މައްސަލަ މިހާރު ކޯޓަށް ހުށަހަޅަން އަޅުގަނޑުގެ ލީގަލް ޓީމާ ހަވާލު ކޮށްފައިވާނީ. މައްސަލަ ހުށަހަޅާނީ ކޮންބަޔަކާ ދެކޮޅަށްކަން އެނގިވަޑައިގަންނަވާނީ އަޅުގަނޑުގެ ވަކީލުންނަށް. ބޮޑަށް ބެލެވެނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށްހެން. މިކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ހުށަހަޅާނީ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސަރުކާރަށް ތާޢީދު ކުރުމަކީ ސަރުކާރުން ވެސް ކުރާ ނުރަނގަޅު ކަންކަމަށް ތާއީދު ކުރުމެއް ނޫން“ ފިރާގު ވިދާޅުވިއެވެ.
މީގެއިތުރުން ފިރާގު ވިދާޅުވީ، އޭނާއަށް ނޭނގި އަދާލަތު ޕާޓީއަށް ވެއްދި މައްސަލަ އީސީއަށް ހުށަހެޅުމުން، އަލުން އެހެން ސިޔާސީ ޕާޓީއަކަށް ވަންނަން ސޮއި ކުރުމަށް އީސީން ބުނި ކަމަށެވެ.
”އަޅުގަނޑު ނުޖެހޭ ނޫންތޯ އަލުން ޕާޓީއަކަށް ވަންނަން ސޮއި ކުރާކަށް. އެބޭފުޅުންގެ ނާގާބިލުކަމުން ވީކަމެއް މިއީ. އެހެންވީމަ އެބޭފުޅުން ނޫންތޯ ޖެހޭނީ މިކަން ހައްލު ކޮށްދީ، އެޕާޓީން އަޅުގަނޑު ވަކިކޮށް ކުރިންވެސް އަޅުގަނޑު ސޮއިކޮށްފައިވާ ޕާޓީއަށް އަޅުގަނޑު ވައްދަން؟“ ސުވާލަކުން ޖަވާބު ދެއްވަމުން ފިރާގު ވިދާޅުވިއެވެ.
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަކީ އީސީ އާމެދު ދުވަސްކޮޅު ކޮޅުން ފެންމަތިވަމުން އަންނަ ޝަކުވާތަކެއްކަން ފާހަގަ ކުރައްވަމުން ފިރާގު ވިދާޅުވީ މީގެކުރިން އެ އަޑުތައް އިވުމުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް މިހާރު އޭނާއަށް މިކަން ދިމާވުމުން، އެވާހަކަތައް ޤާބޫލުކުރެވޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ހުށަހަޅާ ފޯމުތައް ސައްޙަތޯ ކަށަވަރު ކުރުމަށް އީސީގައި އައްޔަނުކޮށްފައިތިބީ އެކަމުގެ ތަޖުރިބާއާއި ޢިލްމު ރަނގަޅަށް ނުލިބި ތިބި ބައެއް ކަމަށާއި، އެކަމަށް ވަރަށް ނާގާބިލު ބައެއްކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.




