މި އަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބަދަލު ގެނެވިފައިވަނީ އޮފީސް ގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށެވެ.
ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 ކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވިގޮތުގައި މުދާ އުފުލުން މަނާ ގަޑިތަކަކީ ހެނދުނު 8:00 އިން 9:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށެވެ.
ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށެވެ. އަދި މި މުއްދަތުގައި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.




