ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ އާއި ބެންފިކާ ކުޅުނު މެޗު 1– 0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބު ކޮށްފިއެވެ.
ބެންފިކާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް މެޗުގެ 22 ވަނަ މިނިޓުގައި ބާސެލޯނާގެ 18 އަހަރުގެ ޑިފެންޑަރު، ޕައު ކުބަރްސީ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އެއަށްފަހު ބެންފިކާގެ ކުޅުން ވަރުގަދަ ކޮށް، ޝޮޓްތަށް ގިނަވި ނަމަވެސް ބާސާގެ ގޯލު ކީޕަރު ސްޒެސްނީގެ މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ހުރިހާ ޝޮޓެއްވެސް އޭނާ މަތަކުރިއެވެ.
ދިހަ ކުޅުންތެރިންނާއި އެއްކޮށް ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ 61 ވަނަ މިނިޓުގައި ހާފުގެ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުން ބާސާ މޮޅުވި ލަނޑު ޖަހައިދިނީ ރަފީނިއާ އެވެ.
މި މުބާރާތުގެ ގަދަ 16ގައި މި ދެ ޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސާގެ ދަނޑުގައެވެ.




