ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިޞްލާޙް ގެނައުމަކީ އެ މަޖިލީހަށް ޤާނޫން އަސާސީ އާއި ޤާނޫން ތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަމާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ކުރެވުނު ކަމެއް ނޫންކަމުގައި ޕީއެންސީ ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއީ ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ދަމަހައްޓަންޖެހޭ ކަމެއް ކަމަށާއި، ފަނޑިޔާރުގޭގެ އަދަދު ކަނޑައެޅުމަކީ މަޖިލީހަށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަމަށެވެ.
ފަލާހް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ ޢަގުލަބިއްޔަތު ލިބިފައި އޮތަސް، ކުރީގެ ވެރިކަމުގައި ހިނގާދިޔަފަދަ ޝަރުޢީ ނިޒާމަށް އަތްފައި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި ރޫލް އޮފް ލޯ އާއި ޚިލާފު ކަންކަން އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.
”ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއް“ ފަލާހު ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ ފަނޑިޔާރުން އަދި ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބިޑި އަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒު ނޫޅުއްވާނެ ކަމަށެވެ.




