ބާސެލޯނާގެ ތަރި ރަފީނިއާ އަކީ މި އަހަރުގެ ބެލޮން ޑީ’އޯ އެވޯޑަށް ވާދަކުރެވޭނެ ކުޅުންތެރިއެއްކަމަށް ބްރެޒިލްގެ ކޯޗް ޑޯރިވަލް ޖޫނިއަރ ބުނެފިއެވެ.
މިހެން އޭނާ ބުނީ ބްރެޒިލްގެ އެންމެ ފަހުގެ ސްކޮޑް އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރަފީނިއާ މި ސީޒަންގައި ދައްކަމުންދާ މޮޅު ފޯމު ދަނީ ދަމަހައްޓަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި 10 ކުޅުންތެރިންނާއެކު ކުޅުނު މެޗުގައި ބެންފިކާއާ ދެކޮޅަށް ވިނިންގ ގޯލެއް ޖަހާފައިވެއެވެ.
”ކޯޕާ އެމެރިކާގައި ރަފީނިއާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އައި. އަދި މިހާރު އޭނާއަކީ ބެލޮން ޑީ’އޯގެ ކެންޑިޑޭޓެއް،“ޑޯރިވަލް ޖޫނިއަރ ބުނެފައިވެއެވެ.
ޑޯރިވަލް ޖޫނިއަރ ފާހަގަކުރި ގޮތުގައި ރަފީނިއާ އަކީ ކޮންމެ ދިމާލަކަށްވެސް ރަނގަޅަށް ފެތޭ ވަރަށް ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެފަރާތު ވިންގުގައާއި، އިގޯ ޖީސަސްއާއެކު ސެކަންޑް ސްޓްރައިކަރެއްގެ ގޮތުގައި އަދި ފުލްބެކެއްގެ ގޮތުގައިވެސް ކުޅެފައިވެއެވެ.
މި އަހަރުގެ ބެލޮން ޑީ’އޯ އަށް ރަފީނިއާ އާއެކު އޭނާގެ ޓީމްމޭޓް ލަމިން ޔަމަލް، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ރިއަލް މެޑްރިޑްގެ ވިނީސިއަސް ޖޫނިއަރ ވެސް ފެވަރިޓުންގެ ގޮތުގައި ހިމެނެއެވެ.
މިދިޔަ އަހަރުގެ ބެލޮން ޑީ’އޯ ވަނީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ ހޯދާފައެވެ.



