ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮވެއެވެ.
އެ ކޮމިޓީގައި ހިމެނެނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި ޖޭއެސްސީއަށް މި ފަހުން އައްޔަންކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދާއި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފެވެ.
މައުލޫމާތު ލިބޭ ގޮތުގައި އުޝާމް އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ވަކިވެވަޑައިގަތުމާއެކު، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.


