ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ އާއި ބެންފިކާ ކުޅުނު މެޗު 3–1ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި ރަފީނިއާގެ ލަނޑުން ލީޑުނަގާފައި ވަނިކޮށް، ނިކޮލަސް އޮޓަމެންޑީ ވަނީ ބެންފީކާ އަށް އެއްވަރުކޮށްދީފަ އެވެ.
ނަމަވެސް، މެޗުގެ 27 ވަނަ މިނިޓުގައި ލަމީން ޔަމާލް ޖެހި ރީތި، މޮޅު ލަނޑުން ބާސެލޯނާ އިން އަލުން ވަނީ ލީޑު ނަގާފައެވެ.
އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، މެޗުގެ 42 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހައި ބާސާއަށް ކުއާޓާ ޔަގީން ކޮށްދީފައެވެ.
މީ ރަފީނިއާ މިމުބާރާތުގައި ޖަހައިދިން 11ވަނަ ލަނޑެވެ، މިލަނޑާއި އެކު މިހާރު ރަފީނިއާ އަކީ މުބާރާތުގެ މިސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.
މުބާރާތުގެ ކުއާޓާގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ މާދާމާ ރޭ ލިލް އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.



