ދެވަނަ ފަހަރަށް ހޮޅުދޫއަށް ގޮސް ބައްދަލުކުރަން އެދުނު ރައްޔިތުންނާއި ބައްދަލުކުރިން ކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ރޭ ހިއްސާ ކުރި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ 25ފެބުރުއަރީ 2025 ވަނަ ދުވަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ނ. ހޮޅުދޫ އަށްގޮސް 26 ފެބުރުއަރީގައި އެރަށުން ފުރަން ދަނިކޮށް ވަކިން ބައްދަލުކޮށްލަން އެދުނު ބައެއް ބޭފުޅުންނާއި ބައްދަލުނުކޮށް ފުރަންދަނީކަމަށް އެރަށު ބޭފުޅަކު ދެންނެވި ކަމަށެވެ.
އަދި އެވަގުތު މިނިސްޓަރ ވަރަށް އަވަހަށް އެރަށަށް އަދި ދާނެކަމަަށް ތަކުރާރުކޮށް ބުނުމުންވެސް ދެން އެރަށަށް އެމަނިކުފާނު ނާންނާނެ ކަމަށް އެބޭފުޅާ ދަންނަވަމުންދިޔަ ކަމަށް މިނިސްޓަރ އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
”އެވަގުތު އަޅުގަނޑުގެ ޝެޑިއުލް ބަލާފައި 9 މާރޗް 2025 ވަނަދުވަހު އިރާދަކުރެއްވިއްޔާ އެރަށަށް ދާނެކަމަށް ބުނިން. ނަމަވެސް އެބޭފުޅާ ދިޔައީ އަޅުގަނޑު އެރަށަށް ނާންނާނެކަމަށް ތަކުރާރުކޮށް ދަންނަވަމުން. މިހެންވެ އެ ޔަގީންކަން އިތުރަށް ދިނުމަށް އެދުވަހު އެރަށަށް ނުގޮސްފިނަމަ 10 މާރޗް ގައި އަޅުގަނޑު ވަޒީފާގައި ނުހުންނާނެކަމަށް ދެންނެވިން.“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އެހެން ބުނި ނަމަވެސް 9 މާރޗު 2025 ވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އެމަނިކުފާނު 6 މާރޗް 2025 ގައި އެރަށަށް ދެވަނަ ފަހަރަށް ދިޔަ ކަމަށާއި، ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކުރިން ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި، ޒަކިއްޔާ މަރާލީކަމަށް ބުނެ، އެ މަރަށް އިންސާފު ހޯދަން އެ ރަށުގައި ރައްޔިތުން ދަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.
މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެއެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގު ތަކުން އަދި ޒަކިއްޔާ އަމިއްލައަށް މަރުވިކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.



