ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި ތިން މީހުން ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރީ ތ. ގާދިއްފުށީ ކެނެރީގެ، އިބްރާހީމް އިމާދު، 30، އާއި މއ. ވިންޑްސްޓަ 1، މުޙައްމަދު ސިމްރާޙް، 43، ގެ އިތުރުން ގދ. ރަތަފަންދޫ، ޒަމާނީއާގޭ ޞަލާޙު ޝިހާބް، 45، އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން 57.78 ގުރާމަށް އަރާ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާޙް އާއި ޞަލާޙުގެ ބަންދަށް 15 ދުވަސް ޖަހައި އިމާދު ވަނީ ދޫކޮށްލައިފަ އެވެ.
އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




