ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، ވަޒީރު އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރައްވައިފިއެވެ.
ރޯދަ ހަދިޔާ ބެހުމުގައި މި އަހަރު ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސް ނަންފުޅުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރެއްވީ ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޯދަ ހަދިޔާ ބެހުމުގައި މާލޭ ސަރަހައްދުގައި ހަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ މުވައްޒަފުން ކުރެއްވި އާދަޔާ ހިލާފު މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ސަތޭކައެއްހާ މުވައްޒަފުން ވާރޭވެހެމުން ދިޔަ ނަމަވެސް މެދުނުކެނޑި މަސައްކަތްކޮށް، ދޯނިން މަސްދަޅު ކޭސްތައް ގެންގޮސް، ސްޓޭޝަންތަކަށް ޖަމާކޮށް، ރޭގަނޑު މަސްދަޅު ކޭސް ބަހައި، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީ، އަދި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރިކަމަށް ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
މާލޭ ސިޓީގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކާމިޔާބު ކުރެވުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. އަދި އަތޮޅުތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔައީ ރަށު ކައުންސިލްތަކުންނެވެ.
މި ހަފްލާގައި މިނިސްޓްރީގެ ގިނަ އަދަދެއްގެ ދިވެހި އަދި ބިދޭސީ މުވައްޒަފުން ބައިވެރިވިއެވެ.



