މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ގްލޯބަލް ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން، އިތުރު 2 ޕަމްޕުގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު ކޮޅުގައި ކަމަށެވެ.
ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭއްވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލުން ކުރިން ގެނައި ދެ ޕަމްޕު މިހާރު ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއާ ހަވާލުކޮށްފައި ކަމަށެވެ. މި ޕަމްޕުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ މާފަންނު ސަރަހައްދުގައި ކަމަށާއި، މިއީ މީގެ ކުރިން މާލޭގައި ބޭނުންކުރަމުން އައި ޕަމްޕުތަކަށްވުރެ 10 ގުނަ ބާރުމިނުގައި ފެން ހިންދޭ ޕަމްޕުތަކެއް ކަމަށް ޢާޒިމް ވިދާޅުވިއެވެ.
”މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20، 30 އަހަރު ވެއްޖެ. މިކަން ހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުންލިބޭ.“ މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
ކައުންސިލުން ގެނައި މި ޕަމްޕުތަކަކީ މިނެޓަކު 11,356.24 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެކެވެ. މީގެ ކުރިން މާލޭގައި ބޭނުންކުރަމުން އައީ މިނެޓަކު 900 އާއި 1,300 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެވެ.
މާލޭގައި މީގެ ކުރިން ފެންހިން ދަމުންއައީ ދޯނިފަހަރުގައި، ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕު ތަކުންނެވެ.




