ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ރެއަލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ ލެގުގައި 2-1 އިން ރެއަލް ދަނޑުގައި އެތުލެޓިކޯ ބަލިވިއިރު، އަމިއްލަ ދަނޑުގައި ދެ ވަނަ ލެގު ފަށައިގެން 27 ސިކުންތު ތެރޭގައި އެތުލެޓިކޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ކޮނާ ގެލަގާ އެވެ.
ނަތީޖާ ބަދަލުކޮށްލަން ދެވަނަ ހާފުގެ 70 ވަނަ މިނިޓުގައި ރެއާލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެޕެނަލްޓީ ރެއަލްއަށް ކާމިޔާބު ނުކުރެވުނެވެ. މިޕެނަލްޓީ ރެއަލްއަށް ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އެތުލެޓިކޯ އިން އިތުރު ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ނުޖެހި، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ރެއާލް މެޑްރިޑްގެ އެމްބާޕޭ، ބެލިންހަމް އަދި ވަލްވޭޑޭ ފޮނުވާލި ޕެނަލްޓީތައް ގޯލަށް ވަދެގެން ދިޔައެވެ. އެހެންނަމަވެސް ވަޒްކޭޒް ޖެހި ޕެނަލްޓީ އެތުލެޓިކޯގެ ގޯލްކީޕަރު އޮބްލަކް ވަނީ ހުއްޓުވާފައެވެ.
އެތުލެޓިކޯގެ ސޯލޯތު ޖެހި ޕެނަލްޓީ ކާމިޔާބުވެގެން ދިޔަ ނަމަވެސް، އަލްވަރޭޒް ޖެހި ޕެނަލްޓީ ގޯލަށް ވަދެގެން ދިޔަ އިރު، ވީއޭއާރުން ވަނީ އޭނާ ބޯޅަޖެހިއިރު ދެފަހަރު ބޯޅައިގައި ޖެހި ކަމަށް ނިންމާ އެ ޕެނަލްޓީ ބާތިލު ކޮށްފައެވެ.
އެތުލެޓިކޯގެ ކޮރެއާ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ލޮރެންޓޭ ޖެހި ޕެނަލްޓީ ނާކާމިޔާބުވެގެން ދިޔައެވެ. އެންމެ ފަހުން ރެއާލުގެ އެންޓޯނިއޯ ރޫޑިގާ ވަނީ ޕެނަލްޓީ ވައްދާލައި އެ ޓީމު ކުއާޓާއަށް ގެންގޮސް ދީފައެވެ.




