ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން އެއްވެސް މައުލޫމާތެއް ހޯދަން މެސެޖެއް ނުކުރާނެ ކަމަށާއި، ގުޅާނީކަމަށް އެޕާޓީއިން ބުނެފިއެވެ.
”ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދަން“ ކަމަށް ބުނެ ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާތީ ޕީއެންސީން މިއަދު ވަނީ ބަޔާނެއް ނެރި އެކަން ކުށްވެރިކޮށްފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާ ނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ކަމަށެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ނަމުގައި ހިންގާ މިފަދަ ކަންކަން ފުލުހުންނަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށެވެ.
”ސިޔާސީ ބޭނުމަކަށް މިޕާޓީގެ ނަމުގައި ސައްހަނޫން މެސެޖުތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އެފަދަ އަމަލުތައް ކުރާ ފަރާތްތައް އެކަން ވަގުތުން ހުއްޓާލާ.“ އެބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީއިން ވަނީ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެފަދަ ސައްހަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާ އަށް އެކަން އެންގުމަށް އެދިފައެވެ.




