ސިޔާސީ ބޭނުމުގައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިނުގަންނަން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
އަދި ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާނުލައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނައިރު ފަހަތުގައި އަތްޖަހަން ތިބުމުން ހޭދަވަނީ އެފަދަ ނާތަހުޒީބު އަމަލުތަކަށް ހިތްވަރުދޭ ބައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ މާހައުލެއް އުފައްދައިފިނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ރާއްޖޭގެ މުސްތަޤުބަލު ބަނަވެދާނެ. “ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީއިން ކޮންމެ ރެއަކު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން ކުޑައިމީސްކޮށް، އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
މަންދީ ދެއްކި ވާހަކަ، އީސީ އާއި އެޗްއާރްސީއެމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.




