އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ފަހުމީ ވަނީ އެ ފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވިދާޅުވެފައެވެ.
”ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީއިން ކޮންމެ ރެއަކު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ކުޑައިމީސްކޮށް، އެ ޕާޓީގެ އިސް އެކްޓިވިސްޓް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
މަންދީ ދެއްކި ވާހަކަ، އިލެކްޝަން ކޮމިޝަން އަދި އެޗްއާރްސީއެމުން ވެސް ކުއްވެރި ކޮށްފައިވާއިރު، ސޯޝަލް މީޑިއާގަވެސް ގިނަބަޔަކު ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އަދި ދައުލަތުގެ ވަޒީރުންނާއި، ސިޔާސީ އިސްފަރާތް ތަކުންވެސް ދަނީ މިކަން ކުއްވެރި ކުރަމުންނެވެ.




