ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އިންޑީއާއަށް ވަޑައިގަންނަވަނީ ރައިސީނާ ޑައިލޮގުގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގައި މަތީ ލެވަލްގެ ބޭފުޅުންނާއިއެކު ޕެނަލް ޑިސްކަޝަންތަކުގައި ވާހަކަފުޅުދައްކަވާނެ ކަމަށެވެ. އެގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުއްވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ މިނިސްޓަރު ޚަލީލް، ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފަހުގައި އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ހާރިޖީ ވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރު މާލީ ވަޒީރުގެ މަޤާމަށް ބަދަލުކުރައްވައި، ކުރިން ސިއްހީ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލް ހާރިޖީ ވަޒީރުގެ މަޤާމަށް ބަދަލުކުރައްވާފައެވެ.
އަބްދުﷲ ޚަލީލް، ހާރިޖީ ވަޒީރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.



