ރާއްޖޭގައި ހިނގާ ސްކޭމްގެ މައްސަލަތައް ބަލަން ފުލުހުންގެ އިދާރާގައި އެންޓި ސްކޭމް ސެންޓަރެއް އުފައްދާ ސްކޭމް މައްސަލަތައް ރިޕޯޓްކުރަން ހޮޓްލައިނެއް ގާއިމުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތުތައް މަރުކަޒީ ގޮތެއްގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަލަހައްޓަމުން ދާނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ކަނޑައަޅުއްވާފައިވާކަމަށެވެ.
މި އާ ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމުކުރެވިފައިވާކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓް ކުރެވޭ ހިސާބުން މާލީ އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް އެންޓި ސްކޭމް ސެންޓަރުން ވަގުތުން ކުރިޔަށް ގެންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެބަޔާނުގައި ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ނެޝަނަލް އެމެޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 ) މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ކަންކޮޅަކުންވެސް ސްކޭމާއި ގުޅުން ހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުންް އެންޓި ސްކޭމް ސެންޓަރުގެ އީ މެއިލް reportscam@police.gov.mv މެދުވެރިކޮށްވެސް ސްކޭމް މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެެފައިވެއެވެ.
ފުލުހުންގެ ހިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.



