މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ ކަމުގައިވާ އަބޫ އިސްޙާޤް އަލްޙުވައިނީ ރޭ އަވަހާރަވެއްޖެ އެވެ.
މިސްރަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްޙާޤު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އުމުރުފުޅުން 68 އަހަރުގައި ކަމަށް އާއިލާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.
މިޞްރުގެ ހުވައީން ކިޔާ ސަހަރަކަށް އުފަންވެވަޑައިގެންނެވި ޝެއިހް އިސްޙާޤަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް ޙަދީޘް ޢިލްމުވެރިޔާ އެވެ. އެ މަނިކުފާނުގެ އަސްލު ނަންފުޅަކީ ހިޖާޒީ މުޙައްމަދު ޔޫސުފް ޝަރީފެެވެ.
މަދަރުސީ ދައުރު ނިންމެވުމަށްފަހު ޝައިޚް އަލް-ޙުވައިނީ ވަނީ މިޞްރުގެ ޤާހިރާއަށް ވަޑައިގަންނަވާ، ބޭބޭފުޅާއެކު ޝައިޚް ޢަބްދުލްޙަމީދު ކިޝްކުގެ ދަރުސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ފިލާވަޅުތައް ހާޞިލް ކުރައްވައިފައެވެ.
އެއަށްފަހު ޢައިން ޝަމްސް ޔުނިވަސިޓީއަށް ވަންނަވާ އެ ޔުނިވަސިޓީން ސްޕެނިޝް ބަހާއި ލިޓަރޭޗަރ ދަސްކުރައްވާފައިވެއެވެ.
ޔުނިވަސިޓީގައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަތީ ތަޢުލީމު ހާޞިލް ކުރެއްވަށް ސްޕެއިނަށް ދަތުރުކުރެއްވުމުގެ ފުރުޞަތު ޝައިޚް އަލް-ޙުވައިނީއަށް ލިބިވަޑައިގަތެވެ. ނަމަވެސް ހުޅަނގުގެ ދިރިއުޅުމަށް ފެތިލައްވަން އުނދަގޫތަކާ ކުރިމަތިވެވަޑައިގަންނަވައި ދުވަސްކޮޅެއް ފަހުން އެ މަނިކުފާނު ވަނީ އެނބުރި މިޞްރަށް ވަޑައިގަންނަވާފައެވެ.
މިޞްރަށް އެނބުރި ވަޑައިގަންނަވާ ޝައިޚް އަލް-ބާނީގެ ފޮތްތައް ދަސްކުރެއްވުމުގައި ޝައިޚް އަލް-ޙުވައިނީ މަސްޢޫލުވެވަޑައިގަތެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މަދަރުސާއާއި ޔުނިވަސިޓީން ހާޞިލް ކުރެއްވި ތަޢުލީމަށްވުރެ އަލް-ބާނީގެ ފޮތްތަކުން ލިބިވަޑައިގެންނެވި ފިލާވަޅުތައް މާ މުހިންމެވެ.
އެ މަނިކުފާނު ހަދީޘްގެ ޢިލްމަށް ޝައުގުވެރިވެވަޑައިގަތީ އެ ހިސާބުންނެވެ.




