ބައެއް ފަރާތްތަކުން ކަނޑު އުޅަނދުފަހަރާ މެދު ފަރުވާ ކުޑަކޮށް އަމަލު ކުރަމުންދާތީ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށް ފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަވަމުންދާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލި ލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެގޮތަށް ނަގި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތް ނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު ”ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު“ ގެ 44 ވަނަ މާއްދާގެ ”ފ“ ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



