ރަމަޟާން މަހަށް ހާއްސަކޮށްގެން ވިލިމާލެ ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ”ވިލިތަރި ޤުރުއާން މުބާރާތް“ ވިލިމާލޭގައި ފަށައިފިއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި 95 ކުދިން ބައިވެރިވެއެވެ. އެއީ 3-5 އަހަރާ ދެމެދުގެ އުމުރު ފުރާގެ 24 ކުދިންނާއި، 7-9 އަހަރާ ދެމެދުގެ އުމުރުފުރާގެ 36 ކުދިންނާއި، 10-13 އަހަރާ ދެމެދުގެ އުމުރުފުރާގެ 24 ކުދިންގެ އިތުރުން 14-17 އަހަރާ ދެމެދުގެ އުމުރުފުރާގެ 11 ކުދިންނެވެ.
މުބާރާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޝެއިޚް އަޙްމަދު ފަހުމީދީދީ އެވެ.

އެ ރަސްމިއްޔާތުގައި މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އާސިމް ޢަބްދުﷲ އާއި ތިލަމާލެ ޕޮލިސް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދާއި ވިލިމާލެ ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޒިޔާދު އަލީ ބައިވެރިވެޑައިގަތެވެ.
ވިލިތަރި ޤުރުއާން މުބާރާތަކީ އާންމުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް އޮންނަ ލޯބި އިތުރުކުރުމާއި ރަށުތެރޭގައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ވިލިމާލޭ ޕޮލިހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބާއްވާ މުބާރާތެކެވެ.




