ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އެންމެ މާތް އަދި ބަރަކާތްތެރި ދުވަސްތަކެވެ. މި ދުވަސްތަކުގައި ކުރެވޭ އަޅުކަންތަކަށް އިތުރު ދަރުމަ ލިބޭނެކަން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މި ދުވަސްތަކުގައި ރޭގަނޑު ދުޢާކުރުމާއި، ޒިކުރު ކުރުމާއި، ނަމާދު ކުރުމަށް އިސްލާމްދީނުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ.
ރަސޫލާ ﷺ ގެ ސުންނަތުން އެނގޭ ގޮތުގައި، އެކަލޭގެފާނު ރަމަޟާން މަހުގެ ފަހު 10 ދުވަހުގައި އިތުރަށް އަޅުކަން ކުރައްވައެވެ. މި ދުވަސްތަކުގައި ލައިލަތުލް ޤަދުރު ލިބިގަތުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވިއެވެ.
ފަހު 10 ދުވަހުގެ އެންމެ މުހިންމު އެއް ކަމަކީ ލައިލަތުލް ޤަދުރު ހޯދުމެވެ. އެރެއަކީ އެއް ހާސް މަހަށްވުރެ މާތްވެގެންވާ ރެއެއް ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.
އެއްހާސް މަހަކީ 83 އަހަރަށްވުރެ ދިގު މުއްދަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން، ޢުމުރުން 83 އަހަރު ވަންދެން ދުނިޔޭގައި ހުރުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު ތަނަވަސްވެގެން ވެއެވެ. އެކަލާނގެ އެވަނީ އެންމެ ރެއަކުން 83 އަހަރަށް ވުރެ ގިނަ ދުވަހު ހެޔޮ ޢަމަލުތައް ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެކަން އަންގަވާފަ އެވެ.
އެހެންކަމުން މި ދުވަސްތަކުގައި ރޭގަނޑު އަޅުކަން ކުރުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.
އިޢުތިކާފުގައި މިސްކިތުގައި ހުރުމަކީވެސް މި ދުވަސްތަކުގައި ކުރެވިދާނެ މުހިންމު އަޅުކަމެކެވެ. އިޢުތިކާފުގައި ހުންނަ މީހާއަށް ޚާއްޞަ ދަރުމައާއި ސަވާބު ލިބޭނެކަން ޙަދީޘްތަކުން އެނގެއެވެ. އަދި މިއީ ނަފްސު ސާފުކޮށް، މާތްﷲ އާއި ގާތްވުމަށް ވަރަށް ރަނގަޅު ފުރުޞަތެކެވެ.
މި ދުވަސްތަކުގައި ޞަދަޤާތް ދިނުމާއި، ޤުރުއާން ކިޔެވުމާއި، ތަރާވީޙް ނަމާދު ކުރުމާއި، ތައުބާވުމާއި، ގިނަގިނައިން ދުޢާކުރުމަކީ ކޮންމެ މުސްލިމަކުވެސް އަހައްމިއްޔަތުކަން ދޭންވީ ކަންކަމެވެ.
މިއީ އަހަރެއްގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަސްތަކެއް ކަމުގައިވާތީ، މި ފުރުޞަތު އެންމެ ފުރިހަމަ ގޮތުގައި ހުރިހާ މުސްލިމުން ވެސް ބޭނުން ކުރަން ޖެހެއެވެ.




