މިދިޔަ އަހަރު ރާއްޖެއިން ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅުވައިގެން އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ 2023 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓީބީ ބަލީގެ ސަބަބުން 1.2 މިލިއަން މީހުން މަރުވެފައިވެއެވެ.
އަދި ހަމަ އެ އަހަރު 10.8 މިލިއަން މީހުންނަށް މި ބަލި ޖެހުނެވެ. މި އަދަދުގެ ތެރޭގައި 6 މިލިއަން ފިރިހެނުންނާއި، 3.6 މިލިއަން އަންހެނުންނާއި، އަދި 1.3 މިލިއަން ކުޑަކުދިން ހިމެނެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖޭގައި ޓީބީ ބަލީގެ 148 ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޓީބީ ނައްތާލުމުގެ ސްޓްރެޓެޖީގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާނުވާ މިންވަރަށް ކޮންޓްރޯލްކުރެވިފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާކަން ކަށަވަރުކުރުމަށް އެޗްޕީއޭއިން ދަނީ މަސައްކަތްކުރަމުންނެވެ.
ޓީބީއަކީ ’މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް‘ ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމޭއަށް ނަމަވެސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް މި ބަލީގެ އަސަރުކުރެއެވެ.
ޓީބީ ބަލީގެ ބައެއް އަލާމަތްތައް:
• ކެއްސުން (3 ހަފްތާ ނުވަތަ އެއަށްވުރެ ގިނަ ހަފްތާވަންދެން ކެންސެން)
• ކެއްސާއިރު ލޭ އައުން
• މޭގައި ރިއްސުން
• ނޭވާލާއިރު މޭގައި ރިއްސުން ނުވަތަ ކެއްސާއިރު މޭގައި ރިއްސުން
• އާދަޔާހިލާފަށް ބަރުދަން ލުއިވުން
• ހުންއައުން
• ރޭގަނޑު ދާހިއްލުން
• ހަށިގަނޑަށް އާދަޔާ ހިލާފަށް ފިނިވުން
• ކާހިތްނުވުން
ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ.



