ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ނެދަލެންޑްސް އާއި ސްޕެއިން ކުޅުނު މެޗުން އެއްވަރުވިއިރު، ޑެންމާކުން ޕޯޗުގަލް ބަލިކޮށްފިއެވެ.
ރޭ ކުޅުނު މިމެޗުތަކުގައި ސްޕެއިން އާއި ނެދަލެންޑްސް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ޑެންމާކުން ޕޯޗުގަލް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ޑެންމާކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ވެސް ޑެންމާކުން ވަނީ މޮޅު ކުޅުމެއް ދައްކާ ޕޯޗުގަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާއިފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ޑެންމާކަށް ޖަހައިދިނީ ރަސްމުސް ހޮއިލުންޑް އެވެ. މިއީ ޑެންމާކް ޓީމަށް ހޮއިލުންޑް ޖަހައިދިން އަށް ވަނަ ލަނޑެވެ.
ނެދަލެންޑްސްގެ ދަނޑުގައި ކުޅުނު މެޗުގައި، އެންމެފަހުން މި މުބާރާތް ކާމިޔާބުކުރި ސްޕެއިން ވަނީ މެޗު ފެށިގެން 9 ވަނަ މިނިޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑު ސްޕެއިންއަށް ޖަހައިދިނީ ނިކޯ ވިލިއަމްސް އެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލެންޑްސް އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޖަސްޓިން ކްލައިވަޓްގެ އެހީތެރިކަމާއެކު ކޯޑީ ގަކްޕޯ އެވެ.
ދެވަނަ ހާފު ފެށިގެން އެންމެ މިނިޓެއްގެ ތެރޭގައި ނެދަލެންޑްސް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ޓިޖާނީ ރައިންޑާސް އެވެ. އެހެންނަމަވެސް، މެޗުގެ 82 ވަނަ މިނިޓްގައި ޖޮރެލް ހަޓޯ އަށް ރަތް ކާޑު ދެއްކުމާއެކު، ނެދަލެންޑްސް އަށް ވަނީ އެއް ކުޅުންތެރިއަކު މަދުވެފައެވެ.
އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ނަމަވެސް، މެޗުގައި ނެދަލެންޑްސް ވަނީ މޮޅު ކުޅުމެއް ކުޅެ ލަނޑު ޖެހޭތޯ މަސައްކަތްކޮށްފައެވެ.
ނަމަވެސް އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ނިކޯ ވިލިއަމްސްގެ އެހީތެރިކަމާއެކު މިކޭލް މެރީނޯ ވަނީ ސްޕެއިނަށް ލަނޑު ޖަހައިދީ ނަތީޖާ އެއްވަރުކޮށްދީފައެވެ.



