ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގ ގައި ކޮލޮމްބިއާ އާއި ބްރެޒިލް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެއްޖެއެވެ.
ބްރެޒިލްގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މި މެޗު ފަށައިގެން 6 ވަނަ މިނިޓުގައި ބްރެޒިލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑު ރަފިންހާއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، 41 ވަނަ މިނެޓުގައި ލިވަޕޫލްގެ ތަރި ލުއިސް ޑިއާޒް ވަނީ ރީތި ލަނޑެއް ޖަހައި ކޮލަންބިއާއަށް މެޗު އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގައި ކޮލޮމްބިއާއިން ގިނަ ހަމަލާތަކެއް ދިން ނަމަވެސް، ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކަރ ވަނީ އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. 78 ވަނަ މިނެޓުގައި އެލިސަންއަށް ލިބުނު އިންޖަރީއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ.
މެޗުގެ އިތުރުވަގުތުގައި ވިނިސިއަސް ޖެހި ވަރުގަދަ ޝޮޓެއް ޑިފެންޑަރެއްގެ ބޮލުގައި ޖެހި، ގޯލަށް ވަދެ ބްރެޒިލް ވަނީ މެޗުން މޮޅުވެފައެވެ.
މި މޮޅާއިއެކު ބްރެޒިލް މިހާރު އޮތީ ކޮންމެބޯލް ކޮލިފައިންގ ގްރޫޕްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އާޖެންޓީނާއާ 4 ޕޮއިންޓުގެ ތަފާތެކެވެ.
މިއަދު ޕެރަގުއޭ ވަނީ ޗިލީއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ނަތީޖާއާއެކު ޗިލީ އޮތީ ޕޮއިންޓު ތާވަލުގެ އެންމެ ފަހަތުގައެވެ.



