ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު މުޙައްމަދު އިޝާޤް ދާރ އަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޕާކިސްތާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް މިނިސްޓަރު މުޙައްމަދު އިޝާޤް ދާރ އަށާއި ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާ ވެގެންދާނެ ކަމަށް އެމަނިކުފާނު ޔަޤީންކުރާ ކަމަށެވެ.
މިނިސްޓަރު ވަނީ ޕާކިސްތާންގެ ފޮރިން މިނިސްޓަރު މުޙައްމަދު އިޝާޤް ދާރ އަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ.




