މުންބާއީގައި ހުރި އެޕާޓްމަންޓުގައި މަރުވެފައި ހުއްޓާ ފެނުނު އެކްޓަރ ސުޝަންތް ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ނިންމައިފިއެވެ.
މި މައްސަލައިގައި އެއްވެސް ފަރާތަކުން ސުޝަންތް މަރާލުމުގެ ޢަމަލެއް ހިންގާފައި ނުވާކަމަށް ސީބީއައިއިން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
34 އަހަރުގެ ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ.
ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވީ ކަރަށް ބާރުވެގެން ކަމަށެވެ. އަދި މަ މަހެއްހާ ދުވަސް ވަންދެން ޑިޕްރެޝަނަށް ބޭސް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި އޭރުގެ ސުޝާންތުގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.
ރާޖްޕުޓްގެ އާއިލާއިން ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާއަށް ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވުމަށް މަޖުބޫރުކުރުވައި، އޭނާގެ ފައިސާ ވަގަށް ނެގިއެވެ. އަދި އޭނާގެ މަރާ ގުޅިގެން ބޮލީވުޑްގައި އޮންނަ ނެޕޮޓިޒަމްގެ ސަގާފަތުގެ ޝިކާރައަކަށްވެ، ބޭރުން އަންނަ މީހުންނަށް ފުރުސަތު ނުދޭކަމަށްވެސް ވާހަކަތައް ދެކެވުނެވެ.
ނަމަވެސް މައްސަލަ ނިމުނުއިރު ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާގެ މެންބަރުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން މިހާރު ވަނީ ބަރީއަވެފައެވެ.
ސީބީއައިގެ އިސް އޮފިސަރެއް ވިދާޅުވި ގޮތުގައި މި މައްސަލަ ފުޅާ ދާއިރާއެއްގައި ތަޙްޤީޤު ކުރެވުނެވެ.
”އެކި ތަންތަނުން ފޮރެންސިކް ހެކި ހޯދައި. އެމެރިކާއިން ޓެކްނިކަލް ހެކި ހޯދައި. ގިނަ މެޑިކަލް ލަފާ ހޯދައި. އަދި މައްސަލައާ ގުޅުންހުރި އެންމެހާ ފަރާތްތަކާ ސުވާލުކުރުމަށްފަހު ހިންގުނު ފުޅާ ތަޙްޤީޤަކުން އެކްޓަރ ސުޝަންތް ސިންގް ރާޖްޕުޓްގެ މަރުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް އަދި މަރާލުމުގެ ޢަމަލެއް ހިންގާފައިވާކަމެއް ނުފެނުނު.” އެ އޮފިސަރު ބުންޏެވެ.
މި މައްސަލައާ ގުޅޭ ދެ މައްސަލައެއްގެ ނިންމުން މުންބާއީގެ ޚާއްސަ ކޯޓަކަށް ހުށަހަޅާފައިވާކަމަށް ސީބީއައި އިން މަޢުލޫމާތު ދީފައިވެއެވެ.



