ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 05 ބިދެސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަންއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަން ތަކުގައި ރޭ ވަނީ މާލޭގެ ހީނާމާގޭ ޕާކިންގ ސަރަހައްދުގައި އުޅެމުންދިއަ ބިދޭސީން ބަލައި ފާސްކޮށްފައި ކަމަށެވެ.
އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ޙާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފަވާއިރު ޤަވާއިދާ ޚިލާފަށް އެ ސަރަހައްދުގައި އުޅެމުންދިޔަ 17 ބިދެސީއަކު މި އަހަރުގެ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުގައިވެސް ވަނީ އަތުލައިގަނެފައެވެ.
އެމްއެންޑީއެފް، އިމިގްރޭޝަން އަދި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގަޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރި ވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.



