ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބީއެމްއެލް އޭޓީއެމްއެއް އަޅައިދެއްވާނެ ކަމަށް ވައުދުވެލެއްވިތާ 54 ދުވަސް ތެރޭގައި ހއ. އުތީމުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
އުތީމުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެ ދަށުން އުތީމުގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ.މުހައްމަދު މުޢިއްޒު ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އުތީމަށް ކުރެއްވި ޒިޔާރަތުގެތެރޭގައި ހިމަނައިގެންނެވެ.
އުތީމުގައި ޤާއިމްކޮށްފައިވާ އޭޓީއެމް މިއަދު ހުޅުއްވައި ދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ.
އުތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ސައީދު ވަނީ އެ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމުން ފައިސާ ނަންގަވަން ބޭނުން ކުރެއްވި ކާޑު ވަޒީރުވަނީ އުތީމުގެ ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާނެއެވެ.
ފާއިތުވި 25 އަހަރު ތެރޭގައި މުޅި ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ 96 އޭޓީއެމް ކަމަށްވާއިރު، މިއަހަރުގެ ތެރޭގައި ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
”އޭޓީއެމް ނެތް ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ، އެރަށެއްގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް. މިއީ އެރަށްރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް،” ސަރުކާރުގެ އޮފިޝަލަކު “ސައުވީސް” އާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާއި މިހާރުވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.



