2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން ކޮންމެ އަގެއް ދައްކައިގެން ވިޔަސް މޮޅުވާނަން ކަމަށް ބްރެޒިލް އަދި ބާސެލޯނާގެ ތަރި ރަފީނިއާ ބުނެފިއެވެ.
ބްރެޒިލްގެ ލެޖެންޑް ރޮމާރިއޯއަށް ދިން އިންޓަވިއުއެއްގައި މެޗާއި ބެހޭ ގޮތުން އިތުބާރާއެކު ވާހަކަދައްކަމުން ރަފީނިއާ ބުނީ، ދަނޑުގައި ވިޔަސް އަދި ދަނޑުން ބޭރުގައި ވިޔަސް ކުޅެން ޖެހިއްޖެ ނަމަ ޝައްކެއްވެސް ނެތް ގޮތުގައި އާޖެންޓީނާ ބަލިކުރާނަން ކަމަށެވެ.
”އާނ، އެމީހުންނާ ދެކޮޅަށް މޮޅުވުމަށް ހުރިހާ ކަމެއް އަދި ކޮންމެ ކަމެއް ވެސް ކުރާނަން. އަހަރެމެން އެމީހުން ފުނޑުފުނޑު ކޮށްލާނަން.“ މެޗުގައި ލަނޑުޖަހާނަންތޯ ސުވާލުކުރުމުން ފޯރިއާއެކު ރަފީނިއާ ބުންޏެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި މެޗު ކުޅޭނީ މާޗް މަހުގެ 26 ވާ ބުދަ ދުވަހުއެވެ.
ދެ ޓީމުން މި މެޗު ކުޅެން ނިކުންނަ އިރު، މުބާރާތުގައި ކުޅެވުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއިއެކު އާޖެންޓީނާ އޮތީ ތާވަލުގެ އެންމެ ކުރީގައެވެ. ބްރެޒިލް އޮތީ 21 ޕޮއިންޓާއިއެކު ތިން ވަނައިގައެވެ.



