ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ އަށް ކާފަ ދަރިޔަކު ލިބިއްޖެ އެވެ.
އޭނަގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި ފިރިމީހީ ކޭއެލް ރާހުލްއަށް އަލަތު ދަރިފުޅު ލިބުނީ އިއްޔެއެވެ.
މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ފިލްމީ ދާއިރާ އާއި ކްރިކެޓް ދާއިރާގެ ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވެއެވެ.
32 އަހަރުގެ އާތިޔާ އާއި ހަމަ އެ އުމުރުގެ އިންޑިއަން ކްރިކެޓް ތަރި ރާހުލް ކައިވެނީގެ ގުޅުމުން ގުޅިފައިވަނީ 2023 ވަނަ އަހަރުއެވެ. އާތިޔާ އަކީ ސުނިލް ޝެޓީގެ ދެ ދަރިންގެ ތެރެއިން އެންމެ ބޮޑު ދަރިފުޅެވެ.
އާތިޔާގެ ކޮއްކޮ އަހާން ޝެޓީ (29) ވަނީ 2021 ގައި ”ތަޅަޕް“ ފިލްމުން ބޮލީވުޑަށް ތަޢާރަފުވެފައެވެ. 2015 ވަނަ އަހަރު ”ހީރޯ“ އިން ބޮލީވުޑަށް ތަޢާރަފުވި އާތިޔާގެ ފިލްމީ ކެރިއަރުގައި އޭގެ ފަހުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
އޭނާ މުޅި ކެރިއަރުގައި ކުޅެފައިވަނީ ”ހީރޯ“ގެ އިތުރުން 2016 ގެ ”މުބާރަކަން“ އަދި 2019 ގެ ”މޯޓީޗޫރް ޗަކްނަޗޫރް“ މި ތިން ފިލްމެވެ.
އަދި 63 އަހަރުގެ ސުނިލް ޝެޓީގެ އެންމެ ފަހުގެ މަސައްކަތަކީ މި މަހުގެ 7 ވަނަ ދުވަހު ނެޓްފްލިކްސްގައި ދައްކަން ފެށި ”ނާދާނިޔާން“ އެވެ.
ސުނިލް ވަނީ ”ދަޅުކަން“ އަދި ”ބޯޑާ“ ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ.


