2026 ގައި ބާއްވާ ވޯލްޑް ކަޕަށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ކޮލިފައިވެއްޖެ އެވެ.
އާޖެންޓީނާ އަކީ ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ.
ވޯލްޑް ކަޕް ޔަގީން ކުރިއިރު، އާޖެންޓީނާއިން ވަނީ އަމިއްލަ ދަނޑުގައި ރޭ ބްރެޒިލް އާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއިން ބްރެޒިލް ބަލިކޮށްފައެވެ. އެ މެޗަށް ނިކުތްއިރު ވެސް އާޖެންޓީނާ ވަނީ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވެފަ އެވެ. އެއީ ރޭ އުރުގުއޭ އާއި ބޮލީވިއާ ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ.
ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ އިން މޮޅު ކުޅުމެއް ރޭ ދެއްކިއިރު މެޗުގެ ފުރަތަމަ 12 މިނިޓުތެރޭގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.
މެޗުގެ 26 ވަނަ މިނިޓުގއި މެތިއުސް ކޫންޔާ ބްރެޒިލްއަށް ލަނޑެއް ޖަހައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލްކްސިސް މެކަލިސްޓާ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގެ 71 ވަނަ މިނެޓްގައި އާޖެންޓީނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ގިއުލިއާނޯ ސިމިއޯނީ އެވެ.
ކޮލިފައިންގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ ޗިލީއާ އެވެ. ބްރެޒިލް ނިކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ.
ކުޅުނު 14 މެޗުން ލިބުނު 31 ޕޮއިންޓާއިއެކު އާޖެންޓީނާ އޮތީ ކޮލިފައިން ތާވަލުގެ އެއްވަނައިގައެވެ. ބްރެޒިލް އޮތީ 21 ޕޮއިންޓާއިއެކު ހަތަރު ވަނައިގައެވެ.




