ނ. މިލަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ނ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިގޮތުން ދަނޑުގެ ސަބްބޭސް ރަނގަޅުކޮށް، ޓާފް އެޅުމުގެ މަސައްކަތް ނިންމައި، ވަށާފާރާއި ފެންސް އުސްކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިލަދޫ ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ދަނޑުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އަދި ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ.
މިލަދޫ ދަނޑުގެ އިތުރުން އެ އަތޮޅުގެ ލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.



