ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޑިޕާޗަރ ހޯލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އިއްޔެ ހެނދުނު 6:20 ހާއިރު ވެލާނާ އެއާޕޯޓުގެ ޑިޕާޗަރހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެ އެތެެރެ ކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް ކަސްޓަމްސް އިން ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 45އ.ގެ އަހްމަދު އަފްސަލް އާއި 38އ. ގެ ޔޫސުފް ނަޒީރް އެެވެ.
މި މައްސަލައިގެ ތުހުމަތުގައި މި ދެމީހުން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




