އއ. ރަސްދޫގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ އާއިލާގެ މީހުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.
އއ. ރަސްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ފިހިފައިވަނީ މިދިޔަ ހޯމަދުވަހުގެ ރެއެވެ. އެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ދެމަފިރިންނެވެ.
އަލިފާނުގެ ހާދިސާގައި މި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މި ދެ މީހުންގެ ހާލަތު ބެލުމަށާއި އެމީހުންގެ އާޢިލާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ މިއަދު އައިޖީއެމްއެޗަށް ވަޑައިގެންފައެވެ.
އައިޖީއެމްއެޗުން ބުނީ، އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އަދި އެމީހުން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.



