ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ”އާމިރު ޚާން ޓޯކީސް“ ގެ ނަމުގައި އައު ޔޫޓިއުބް ޗެނަލެއް ތަޢާރަފުކޮށްފިއެވެ.
މި ޗެނަލަކީ އިންޑިއަން ސިނަމާގެ އައިކޮނިކް ފިލްމުތައް އުފެއްދުމުގެ މަރުހަލާތަކާއި، ފަރުދާ ފުރަގަހުގެ ވާހަކަތައް އެއްވެސް ފިލްޓަރެއް ނެތި ގެނެސްދޭނެ ޗެނަލެކެވެ.
މި ޗެނަލްގައި ފިލްމުތަކުގެ ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން، ޑައިރެކްޓަރުންނާއި އެކްޓަރުންގެ މެދުގައި ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭނެއެވެ. އަދި މިއީ އާމިރުގެ ސަޕޯޓަރުންނަށް ސިނަމާގެ ދުނިޔެ ފްރަންޓް-ރޯ ސީޓުން ފެނިގެންދާނެ ތަޖުރިބާއެކެވެ.
އޭނަ ބުނި ގޮތުގައި މިކަމަކީ ވަރަށް ކުރިން ފެށިގެން ވެސް ކުރަން ބޭނުންވި ކަމެކެވެ. އެކަމަކު މިހާތަނަށް އެކި ސަބަބުތަކާ ހެދި މިކަން ނުވެފައި އޮތީ ކަމަށް އާމިރު ބުންޏެވެ.
ޕާފެކްޝަނިސްޓްގެ ލަގަބު ލިބިފައިވާ އާމިރު ޚާންގެ މި އިސްނެގުމަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއަކު ލޯންޗުކުރި މިފަދަ ފުރަތަމަ ޔޫޓިއުބް ޗެނަލް ކަމަށްވުމާއެކު، ގިނަ ބެލުންތެރިން މިހާރުވެސް ދަނީ މި ޗެނަލްގެ އެޕިސޯޑުތައް ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.



