ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ހާސިލު ކުރެއްވި 24 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު މަރުހަބާ ދަންނަވައިފިއެވެ.
ރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވީ ރޭ ފެނިގެން ދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ދިވެހި ރާއްޖޭގައި ބިނާ ކުރެވެމުންދާ އުފާވެރި މަންޒަރު ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނިގެންދިއުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ.
އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށް ދުޢާކުރައްވާ ކަމަށްވެސް ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.


