ސައުދީ ޕްރޯ ލީގްގެ އަލް-ނަސްރުގެ ސްޓްރައިކަރު ކްރިސްޓިއާނޯ ރޮނާލްޑޯ، އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ އިންޓަރ މިއާމީއާ ގުޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މިގޮތުން އޭނާއަށް ލިއޮނެލް މެސީއާއެކު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޓޯކްސްޕޯޓްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރޮނާލްޑޯ ގެނައުމަށް މިއާމީއިން މަސައްކަތް ކުރަމުން އެ ދަނީ 2025 ފީފާ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވުމަށެވެ.
އިންޓަރ މިއާމީއަކީ 125 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް މޮޅުވާ ޓީމަކަށް ލިބޭ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ 32 ޓީމުގެ ތެރެއިން އެއް ޓީމެވެ. މި މުބާރާތް އޮންނާނީ ޖޫން 14 އިން ޖުލައި 13 އަށް އެމެރިކާގައެވެ.
މިހާރު އަލް-ނަސްރާއެކު ހުރި ރޮނާލްޑޯގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އޭނާ އަލް-ނަސްރާއެކު އިތުރު އެއް އަހަރަށް އެއްބަސްވުން އިތުރުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، އޭނާގެ އަމާޒަކީ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ކްލަބަކާއެކު ކުރުމުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމެވެ.
އިންޓަރ މިއާމީގެ މި މަސައްކަތް ކާމިޔާބުވެއްޖެނަމަ، ޑޭވިޑް ބެކަމްގެ ކްލަބަށް މި ޒަމާނުގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން އެއްތަނަކަށް ގެނައުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިހާރު އަލް-ނަސްރުން ރޮނާލްޑޯއަށް ހަފްތާއަކު 3.18 މިލިއަން ޕައުންޑް ލިބެމުންދާއިރު، އިންޓަރ މިއާމީއިންވެސް އޭނާއަށް ބޮޑު މުސާރައެއް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
އިންޓަރ މިއާމީ ހިމެނެނީ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި އިތުރަށް ހިމެނެނީ ޕޯޓޯ، އަލް-އަހްލީ އަދި ޕަލްމެއިރާސްއެވެ.




