ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު، (އެމްއެމްޕީއާރްސީ) ގެ ދަށުން ހިންގާ ވިޒިޓް މޯލްޑިވްސް އިން އިނގިރޭސި ޕްރިމިއަރ ލީގުގެ ނަން މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަރޕޫލް އެފްސީ އާއި ގުޅިގެން މާކެޓިންގް ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ގްލޯބަލް އިނީޝިއޭޓިވްއެއް ކަމަށްވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އެވެއަރނެސް އިތުރުކޮށް، އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް މަގުފަހިކުރުމެވެ.
ދުނިޔޭގެ އެންމެ މަޤްބޫލު ފުޓްބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ލިވަރޕޫލް އެފްސީ އާއެކު ކުރިއަށްގެންދާ މި ކެމްޕޭނުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުލަބުގެ ގިނަ ސަޕޯޓަރުންނަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މި ކެމްޕޭނުގެ ދަށުން އެކި ބާވަތުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ މާކެޓިންގ އާއި ޑިޖިޓަލް މާކެޓިންގގެ އިތުރުން އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިމެނެއެވެ.
ވިޒިޓް މޯލްޑިވްސް އިން މިފަދަ ބޮޑު ބްރޭންޑަކާއެކު ގުޅިގެން މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.



