މާރޗް މަހުގެ އިންޓަނޭޝަނަލް ބްރޭކަށްފަހު ލަ ލީގާ އަށް އެނބުރި އައިސް އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އަދި މިމޮޅާއިއެކު ލީގު ތާވަލުގައި ބާސާ ވަނީ ދެވަނައިގައި އޮތް ރެއަލް މެޑްރިޑްއާއި 3 ޕޮއިންޓުގެ ތަފާތަކުން އެއްވަނައަށް އަރާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނިޓުގައި ޖަހައިދިނީ ރަފިންހާއަށް ރެސްޓު ދިނުމާއި ގުޅިގެން ފުރުސަތު ލިބުނު ފެރަން ޓޯރެސް އެވެ.
ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން އޮލްމޯ އެވެ. އޭނާ ގެ ޕެނަލްޓީ ކިކް ފުރަތަމަ ފަހަރު ކާމިޔާބު ނުކުރެވުނު ނަމަވެސް، އޮސަސޫނާގެ ކުޅުންތެރިއަކު ގަވާއިދާ ޚިލާފުވުމާ ގުޅިގެން ވީއޭއާރުން ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމަށް ނިންމުމުން ދެވަނަ ފަހަރު ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނިސް މެޗުގެ 28 ވަނަ މިނިޓުގައި އޮލްމޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮލްމޯ ވަނީ ދަނޑުން ފައިބަން ޖެހިފައެވެ.
ދެވަނަ ހާފުގައި ސަބްސްޓިޓިއުޓެއްގެ ގޮތުގައި އެރުވި ރޮބަޓް ލެވަންޑޮވްސްކީ ވަނީ 77 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައި ބާސެލޯނާ މޮޅު ކޮށްދީފައެވެ.
މި މޮޅަކީ ކުރިން ކުޅުނު މެޗުގައި އޮސަސޫނާ މޮޅުވެފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ އިތުރުން، ޓައިޓަލް ރޭހުގައި ރެއަލް މެޑްރިޑަށް އިތުރު ޕްރެޝަރެއް ކުރިމަތިކުރުވި މޮޅެކެވެ.
މި މޮޅާއިއެކު ބާސެލޯނާ އިން ވަނީ ލީގުގެ ތާވަލުގައި އެއްވަނައިގައި ހަމަޖެހިލާފައެވެ.



